މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ހިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވި ކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިވަގުތުވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުންނަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.
މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ކަސްޓަމްސްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް މި އޮފީހުން ކުރިއަށްގެންދާނެ ކަމެއް. އެގޮތުން އެކްސްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި އިމްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމާއި، އަދި ކުރިން މާލޭ އެއަޕޯޓުން ނުވަތަ މާލޭ ޕޯޓުން އެތެރެވެގެންއައި މުދާ، އެޕޯޓުތަކާއި އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން އަދި ދުނިޔޭގެ އެހެން މަންޒިލްތަކުން މިއަތޮޅަށް، މިރަށަށް ގެނެސް މި ރަށުގައި ކްލިއަރކުރުންފަދަ ޚިދުމަތްތައް މި ހުޅުވުނު ކަސްޓަމްސް އޮފީހުން ދެމުން ގެންދާނެ. މިނިސްޓަރު
ކަސްޓަމްސްއިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވަނީ އެހިދުމަތްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިތުރަށް ފަސޭހަ ކުރުމުގެ މުހިންމުކަން ފާހަގަކުރާއްވާފައެވެ. އެގޮތުން ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން ޚިދުމަތް ހޯދަން ކަސްޓަމްސްގެ އޮފީސްތަކަށްގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ މޮޑެލްއަކަށް ކަންކަން ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މިނިސްޓަރު ވާހަކައިގައި ފާހަގަކުރެއްވިއެވެ.