އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކުރި ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ ކުރިން، ނަދީމުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައި ނުގަންނާށެވެ. އެ މައްސަލަ ހައިކޯޓުން ރިޖެކްޓްކޮށްފައިވަނިކޮށް އޭނާގެ ބަންދާ ގުޅޭ އެހެން މައްސަލައެއް މިހާރު ވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށް، ޝަރިއަތް ފަށަން ތާވަލުކޮށްފައެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި އޮޕަރޭޝަންގައި ނަދީމްގެ އިތުރުން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ބައެއް ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.