މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ހުސައިން ފާރިޝް އުމަރު (22އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ޖުމުލަ ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.. މި މައްސަލާގައި ކުރިން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ހަސަން އަޒުރާހު (39އ) އާއި ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ހުސައިން ސަމާހު (33އ) އެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.