English Edition
Dhivehi Edition
ފޮޓޯ: ރާއްޖެ ޓީވީ

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ، ގާނޫނާ ހިލާފަށް، ސަރުކާރުގެ ނުފޫޒު އޮވެގެން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކުރި އިހުތިޖާޖުން ހައްޔަރުކުރި ތިން މީހެއްގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު އެ ކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ އިހުތިޖާޖުގައި ޖުމްލަ 8 މީހުން ހައްޔަރުކުރި ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެކަން ފާހަގަކޮށް އެމްޑީޕީން ބުނީ ނަމަވެސް، ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރީ ހަތަރު މީހުން ކަމަށެވެ. އަދި އިތުރު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް، ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިއްޔެ ބަންދުގެ މުއްދަތު ޖެހި މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރި ކަމަށް އިއްޔެގެ އަޑުއެހުމުގައި ފުލުހުންނަށް ސާފުކޮށް ބުނެދެވިފައިނުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އިތުރަށް އެމްޑީޕީން ބުނީ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ، ގާނޫނު އަސާސީ އާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް، އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާ ވެސް ހިލާފަށް ކަމަށެވެ.