English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރުގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ސަރަހައްދީ ގާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށްޓަކައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަކީ މި ވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށާއި މި ސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން އަދި އިގްތިސާދީ ކުރިއެރުން ހިމެނެއެވެ. މިފަދަ ކަންކަން ހައްލުކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުން ރަނގަޅު ކުރުމަށްޓަކައި ސާކްގެ އިދާރީ އޮނިގަނޑާއި މުއައްސަސާތައް ހަރުދަނާކުރަން ޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ޖަމިއްޔާގައި އަލުން ފުރާނަ އެޅުވުމަށްޓަކައި، މެދުކެނޑިފައިވާ ސާކް ސަމިޓް ބޭއްވުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުން ދަމަހައްޓައި، މާނަހުރި ގޮތެއްގައި ކުރިއަށްދާނެ ސާކް އެއް ބިނާކުރުމަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ސާކް ޗާޓަރު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.