ރ. އަލިފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައް ހައްލުކުރުމަށް ރ. އަލިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ކައުންސިލް ހާއްސަ މަސައްކަތެއް ފަށައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިވާކަން ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާއިރު ހިއުމަން ޓްރެފިކިންގ އަދި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާކަންވެސް ފުލުހުން ބުނެޏެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާ 3 ބިދޭސީއެއް ވަނީ ފާހަގަކުރެވިފައެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވެއެވެ.