English Edition
Dhivehi Edition
މަރަދޫ ބޭރުގައި ކަނދުފައްޗެއް އެޅުން
އައްޑޫ ސިޓީ މަރަދޫގެ ހުޅަނގުން 28 މޭލު ބޭރުގައި މަސްވެރިކަމަށް ހާއްސަ އާ ވަދު ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން ގާއިމްކޮށްފިއެވެ.
“އާރް08ޑީ03” ގެ ނަން ދީފައިވާ މި ކަނދުފަތި ގާއިމްކުރުމާއެކު، އެ ސަރަހައްދުގެ ޒުވާން މަސްވެރިންނަށާއި ސްޕޯޓްސް ފިޝިން ނުވަތަ ކުޅިވަރަށް މަސް ބާނާ ފަރާތްތަކަށް މަސްވެރިކަން ކުރުމުގައި އިތުރު ފަސޭހަތަކަކާއި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ކަނދުފަތި އަޅާފައިވަނީ 0°41.100’އެން އަދި 72°42.400’އީ ގައެވެ. މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް ގާއިމްކޮށް، މަސްވެރިންނަށް އެ ސިނާއަތުން ނަފާ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދެމުންނެވެ. މިގޮތުން އައްޑޫގައި ގާއިމްކުރެވުނު މި އާ ކަނދުފައްޗަކީ މި ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ކަނދުފަތީގެ ވިއުގަ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާ ފަރުމާއަކަށް ކަނދުފަތިތައް ބަދަލުކުރުމުގެ މަޝްރޫއެއް ވެސް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ރާއްޖޭގައި ކަނދުފަތި އުފެއްދުމަށްޓަކައި ސެންޓަރުތަކެއް ގާއިމްކުރުމަށް ނިންމައި، އޭގެ ތެރެއިން ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.