ތޫފާން ‘ދިތުވާ” ގެ ސަބަބުން ހާލުގައި ޖެހިފައިވާ އަވައްޓެރި ސްރީލަންކާއަށް ރާއްޖެއިން ފޯރުކޮށްދިން އެހީ ފާހަގަކުރައްވައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ޝުކުރު އަދާ ކުރައްވައިފިއެވެ.
ޑިސަނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްރީލަންކާއަށް ރާއްޖެއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކުން ދައްކައިދީފައި ވަނީ އެއްބައިވަންތަކަމު ނަމޫނާއެއް ކަމަށް ޑިސަނަޔަކަ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ލަންކާގެ ރައީސް ވަނީ ރާއްޖެއިން ވެދިން އެހީތެރިކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ވަރުގަދަ ރަމްޒު ކަމަށް ވިދާޅުވެފައެވެ.
ރާއްޖެ ސަރުކާރުން، ސްރީލަންކާއަށް 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ.