އާއްމުންނަށް ބޮނޑޮގޭ އާޓް ގެލެރީ ބަލައިލުމުގެ ފުރުސަތު، އައްޑޫ ސިޓި ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއީ ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ، ހާއްސަކޮށް އައްޑޫގެ މުއްސަނދި ތަރިކަ ދައްކުވައިދިނުމާއި، ޒުވާން ފަންނާނުންނަށް އެމީހުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.. އަދި އާޓުގެ ޒަރީއާއިން މުޖުތަމައުގައި އެއްބައިވަންތަކަން ބިނާކުރުމަށް ބޭއްވި އާޓް އެގްޒިބިޝަންގައި، “އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ” މި ތީމުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ކުރެހުންތައް ބޮނޑޮގޭގައި އެގްޒިބިޓްކުރެވިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި އެގްޒިބިޝަންގައި ޖުމްލަ 8 ސްކޫލަކުން ބައިވެރިވެފައިވާއިރު، މި ކުރެހުންތައްނޮވެންބަރު 29 ވީ ބުރާސްފަތި ދުވަހު ބޮނޑޮގޭ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން އާއްމުންނަށް ދައްކަން ފަށާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ބޮނޑޮގޭ އާޓް ގެލެރީގައި މި ކުރެހުންތަކުގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމަ ތެރޭގައި އިނގިރޭސީން ނަގާފައިވާ އައްޑޫގެ ތަފާތު ފޮޓޯތައްވެސް ބެހެއްޓިފައި ހުންނާނެކަން ކައުންސިލުން ފާހަގަކުރެއެވެ.
އިތުރަށް ކައުންސިލުން ބުނީ އާއްމުންނަށް ބޮނޑޮގޭ އާޓް ގެލެރީ ބަލައިލުމުގެ ފުރުސަތު ޑިސެމްބަރު 1 ވާ ހޯމަ ދުވަހުން ފެށިގެން ޑިސެމްބަރު 4 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުވާލެވިފައިވާ ކަމަށެވެ.