English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖު ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭހެއް، ވަޅިން ބިރު ދައްކައި މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު ފޭރުގަތް މައްސަލައިގައި ދެ ދުވަހެއްގެ މަތިން ދައުވާ ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 100,000 ޑޮލަރަށްވުރެ ގިނަ ފައިސާއާއި 334,000 ޖަޕަނީސް ޔެން އަދި ގިނަ އަދަދެއްގެ އެހެނިހެން ބޭރު ފައިސާ ފޭރިގަނެފައިވެއެވެ

ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 8 ވަނަ ދުވަހުގައެވެ. ބާކީ މައްސަލަތައް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

މި މައްސަލައިގައި މައިގަނޑު ދައުވާތައް އުފުލާފައިވަނީ، ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު އަދި ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށެވެ. އެގޮތުން މާހިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާ، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ އަދި މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. އަދި އަފްޒަލްގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.

އޭގެ އިތުރުން؛

– ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު

– ލ. މާވައް، ރޭޝަމް، މާޒިން މޫސާ

– މ. ކޯރަސް، އަހުމަދު ރައިހާން ނައީމް

– ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް

– ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރުހާން

އެ ފަސް މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ދަޢުވާތައް އުފުލާފައިވަނީ އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީއެވެ. މީގެ އިތުރުން، މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެ ފައިސާ ފޭރިގަތީ މޫނު ނިވާކޮށްގެން ތިބެ، އެއާޕޯޓުގެ ޓާމިނަލްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދައްކައިގެންނެވެ. އެ ވަގުތު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތެވެ. އެ އަށް ފަހު އެ މީހުން ދިޔައީ ކ. ހުރައަށެވެ.