ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ރޭ އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ ތޫފާން “ދީތުވާ” ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.
ހައިކޮމިޝަނުންވަނީ ހާލަތު އިތުރަށް ގޯސްވެދާނެތީ ކާބޯތަކެއްޗާއި ބޭނުންވާ އެހެނިހެން ތަކެތި ހޯދައި ފަހަށް ރައްކާކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. ހަމަ އެހެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާއި، މުހިންމު ލިޔެކިޔުންތަކަށް ސަމާލުވުމުގެ އިތުރުން މޯބައިލް ފޯނު ޗާޖު ކޮށްފައި ބޭއްވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން ލަންކާއިން މާލެ ދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުގެ މަޢުލޫމާތު ރަނގަޅަށް އޮޅުންފިލުވައި، ދުރާލާ އެއަރޕޯޓަށް ދަތުރު ފެށުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ، ކޯރުތައް ފުރިގެން ބަންޑުންވާ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާތީ، އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބިން ތިރި ސަރަހައްދުތަކާއި މޫދާއި ކައިރި ސަރަހައްދުތަކުގައި އުޅޭ ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި އެއްވެސް އެހީތެރި ކަމަކަށް ބޭނުންވެއްޖެނަމަ، ކޮމިޝަންގެ ހޮޓްލައިން 768816666 އަށް ގުޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައިވެއެވެ.
ސްރީލަންކާއަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުންނަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އިމަޖެންސީގައި ގުޅުމަށް 1912 ހޮޓްލައިން މިހާރު ވަނީ ހަމަޖައްސައިފައެވެ. އަދި 24 ގަޑިއިރު އެ ހޮޓްލައިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ
ތޫފާން ދިތުވާގެ ސަބަބުން ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް ވާރޭ ނުވެހޭ މިންވަރަށް އެ ޤައުމަށް ވަނީ ވާރޭވެހިފައެވެ. މި ވިއްސާރައިގައި ފެންބޮނޑުވުމާއި ގުޅިގެން މިހާތަނަށް އެޤައުމުން 50 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މިހާދިސާގައި 21 މީހުން ގެއްލި، އެތަށް ހާސް ބަޔަކުވަނީ ހާލުގައިޖެހިފައެވެ.