ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބެލުމަށް އުރީދޫ ކަސްޓަމަރުންނަށް ހިލޭ ގުޅޭނެ ފުރުސަތު ހަމަޖައްސައިދީފިއެވެ.
އުރީދޫއިން ބުނީ، އެ ވިއްސާރައާ ގުޅިގެން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅައި، އާއިލާއާ ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު ހިލޭ ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޭ ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ.
ލަންކާއަށް ހިލޭ ގުޅޭ ގޮތް އުރީދޫއިން ހަމަޖައްސައިދިންއިރު، ލަންކާގައި ގިނަ ދިވެހީން އުޅެއެވެ. އަދި، ބޭސްފަރުވާ އާ އެހެނިހެން ކަންކަމުގައި އެ ގައުމަށް ދިވެހީން ދަތުރުވެސް ކުރެއެވެ.
އުރީދޫން ބުނީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ތަނަކަށް ވާއިރު، އެ ތަނުގައި ތިބި ފަރާތްތަކަށް ފަސޭހައިން ގުޅޭނެ ގޮތް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބުންޏެވެ.