English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ވިލިމާލޭގައި ގާއިމުކުރައްވާ 3 ކޮޓަރީގެ 300 ހައުސިންގ ޔުނިޓު ހާއްސަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސް ޑރ މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، ރޭ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ހައުސިންގ ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ޤާއިމުކުރައްވާނޭކަމަށް އިޢުލާންކުރައްވާފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 300 ހައުސިންގ ޔުނިޓުކަމަށާއި، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނޭކަމަށެވެ.

މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށޭ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، ވިލިމާލޭގައި ޔޫ.އެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ވަނީ، ކޯޕަރޭޝަނެއްގެ ދަށުން ވިލިމާލޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި، ރަށުގެ މޫދަށް އެރޭ ސަރަހައްދު އިތުރަށް ތަރައްގީކުރައްވައި، ފެރީ އަދި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރައްވައި، ވިލިމާލޭގައި މަސްމާރުކޭޓެއް ގާއިމުކުރެއްވުމަށް ރައްޔިތުން އެދިވަޑައިގެންނެވިއެވެ. އަދި މިއީ، ގައުމަށް ވެރިޔަކު އިންތިހާބުވެވަޑައިގަތުމަށްފަހު ވިލިމާލޭ ރައްޔިތުންގެ ހާލު ބައްލަވަން ދައުރުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން، ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.