އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ފައްޔާޒު ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އިއުލާންކުރައްވާފައެވެ.
އިސްތިއުފާ ދެއްވައި ފައްޔާޒް ހުށަހެޅި ސިޓީގައި ވިދާޅުވީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވާތީ ކަމަށެވެ. އަދި އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް ޕާޓީގެ އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
2022 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި އެކަމާ ހެދި ޕާޓީ ދެބަޔަކަށް ބެހިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވަނީ ރިޔާސީ އިންތިހާބަށް ދިޔަ އިރު އެ ޕާޓީ ބައިބައިވެގެން ދިއުމާއި އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކޮންމެ ގޮނޑިއެއް ވެސް ނާކާމިޔާބުވެފައި އޮތީ ވަރަށް ކުޑަ ފަރަގަކުން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެކުގައި ކުރިއަށް ދެވުނު ނަމަ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.