English Edition
Dhivehi Edition

ފަރެސްމާތޮޑާގެ ބަނދަރުން މަސްވެރިންނަށް ފެން ފޯރުކޮށްދިނުމަށް އިތުރު ތިން ސަރަހައްދަކުން ފެންލިބޭނެ ގޮތްހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ މަސްވެރިންނަށް ކުރިން ފެންލިބޭނީ ބަނދަރުގެ އެންމެ ސަރަހައްދަކުން ކަމަށެވެ. އެހެންނަމަވެސް އޭގެ އިތުރަށް ތިން ސަރަހައްދަކުން ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަސްރު ވިދާޅުވީ އެ ތިން ސަރަހައްދަށް ފެންފޯރުކޮށްދިނުމަށް ބޭނުންވާ ފެންހޮޅިތައް މިހާރުވަނީ ވަޅުލައި ނިމިފައި ކަމަށެވެ.

އޭގެ އިތުރަށް ބަނދަރުން މަސްވެރިންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލްވެސް އަޅައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. “މީގެ ކުރިން ބަނދަރުން މަސްވެރިންނަށް ފެން ލިބޭނީ އެންމެ ސަރަހައްދަކުން. އެހެންނަމަވެސް މިހާރު ފެންހޮޅި އެޅި ސަރަހައްދުތަކާއެކު ޖުމްލަ ހަތަރު ސަރަހައްދަކުން މުސްތަގުބަލުގައި ފެންލިބޭނެ. އަދި މަސްވެރިންނަށް ބޭނުންވާ ކަރަންޓް ދޯނިފަހަރަށް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލްތައްވެސް މިހާރުވަނީ އަޅައި ނިމިފައި،” އޭނާ ވިދާޅުވިއެވެ.

ނަސްރު ވިދާޅުވީ މިއީ މަސްވެރިންނަށް މިހާރަށްވުރެ ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކައުންސިލުން ކުރައްވާ ކަމެއް ކަމަށެވެ.

ބަނދަރަށް ކަރަންޓުލަނީވެސް ފަޅުގައި ދޯނިފަހަރު ތިބޭދުވަސްވަރު ބޭނުންކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިންނަށް ޚާއްސަކޮށްގެން ބަނދަރުން ކަރަންޓްދޭން ތައްޔާރުވިޔަސް އަދި މަސްވެރިންނަށް އެ ޚިދުމަތްދޭނީ ލިބޭ ފައިދާއަށްވުރެ ބޮޑަށް ޚިދުމަތެއްގެ ގޮތުގައި ކަމަށްވެސް ނަސްރު ވިދާޅުވިއެވެ.

ކަރަންޓާއި އަލަށް އިތުރުކުރާ ފެންހޮޅިން ނުވަތަ އިސްކުރުން މަސްވެރިންނަށް ޚިދުމަތްދެވޭނެ ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަކަށް އެޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.