ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ. ގައުމީ އިނާމަށް ނަން ހުށެހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ 15 އޮގަސްޓް 2017 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ރައީސް އޮފީހުން ނެރުނު އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ. ޤައުމީ އިނާމުގައި ހިމެނޭނީ، ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެވޭނީ، ވަކި ފަރުދަކު ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރިގޮތެއްގައި، މަދުވެގެން 35 އަހަރު ޚިދުމަތްކޮށްފައި ވުމުންނެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެވޭނީ، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އެއޮފީހުގެ ވެބްސައިޓުން ލިބޭން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3336262 ނުވަތަ 3323701 ނަންބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ. ގައުމީ އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ [ޤައުމީ އިނާމާބެހޭ ކޮމިޓީ] އިންނެވެ. މިއަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.