English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާއަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، (25)ގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާތީ ކޮށްފައިވާ ދައުވާއެކެވެ. ފުލުހުން ބުނީ މި މައްސަލައިގައި އެ ރޭ އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ މައްސަލާގައި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ގެއަށް ދޫކޮށްލާފައިވާއިރު މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހު 13ގައެވެ.