English Edition
Dhivehi Edition

އިދިކޮޅު އެމްޑީޕީން ބޭއްވި “ލޫޓުވައިފި, ލޫޓުވައިފި” މުޒާހަރާގައި ބައިވެރިވި, އެ ޕާޓީގެ މެންބަރަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

.އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މުޒާހަރާގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ހާސްވެގެން ކަމަށް އެމްޑީޕީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ހާޓް އެޓޭކް ޖެހުނު މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން އިސްވެ އޮވެ ކުރިއަށް ގެންދިޔަ މި އެއްވުމުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ރޭ 21:00 ކަންހާއިރު ފެށި އެއްވުމުގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ދާން އުޅުމުން, ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ. ފުލުހުން ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން އުޅުނީ ހުއްދަ ދީފައިވާ ރޫޓުން ނޫން ކަމަށެވެ.

އެއާއެކު ދެން ފެނިގެން ދިޔައީ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި މަންޒަރެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. މި މުޒާހަރާގެ ތެރެއިން 10 ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

އެއްވުމުގެ ބައިވެރިން ދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެއްވެ އަޑު އުފުލުމުގެ މިނިވަންކަން ލިބިފައިވާ ކަމަށާއި، ހައްގުތަކަށް އަރައި ނުގަނެވޭނެ ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ބުނެފައެވެ

މީގެ އިތުރުން މުޅި ގައުމު ލޫޓުވަމުންދާ ކަމަށާއި، އިންސާފު ގައުމުން ނަގާލައި، ކޮރަޕްޝަން މުޅި ގައުމުގައި އާއްމުކޮށްފައިވާ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި އާއްމު ރައްޔިތުންގެ ދިރިއުޅުން ވަރަށް ބޮޑަށް ދަތިކޮށްފައިވާ ކަމަށާއި، ބިކަކޮށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.

ލޫޓުވައިފި އެއްވުމަކީ ގައުމު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތެއް ކަމަށާއި، މިމަސައްކަތުގެ ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ވެސް އެއްވުމުގެ ބައިވެރިން ބުނެއެވެ.