English Edition
Dhivehi Edition

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފޮތްމައުރަޒު “މަޢުރިފާ 2025″ ހުޅުވައިފިއެވެ.

އިއްޔެ ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެއެވެ.

ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނެއެވެ.

މި މައުރަޒު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ.