English Edition
Dhivehi Edition
ރައީސް ، ދ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވަވަނީ: ފޮޓޯ، ރައީސް އޮފީސް

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި، ރައީސް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

‎ރައީސްގެ މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.