English Edition
Dhivehi Edition

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް 7 ކުއްޖަކު، މިމަހު ފުރުމަށް ހަމަޖެހިފައިވާކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ “ހަފުތާ 14″ގައި ހިމެނޭ ވައުދެކެވެ.

މި ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މިނިސްޓްރީ އޮފް ހެލްތާއިއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ނިންމާފައިވާ 10 ކުދިންގެ ތެރެއިން 03 ކުއްޖަކު އޭޕްރީލް މަސްތެރޭގައި ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އަދި ބަކީ ތިބި 7 ކުދިން މި މަސްތެރޭގައި ފޮނުވުމަން ވަނީ ނިންމާފައެވެ.

އެގޮތުން 04 އޮގަސްޓްގައި 3 ކުދިން، 05 އޮގަސްޓްގައި 01 ކުއްޖަކު، 08 އޮގަސްޓްގައި 01 ކުއްޖަކު، 09 އޮގަސްޓް ގައި 01 ކުއްޖަކު އަދި 12 އޮގަސްޓްގައި 01 ކުއްޖަކު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. އެހެންކަމުން އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.