English Edition
Dhivehi Edition

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިއެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ފުރަތަމަ ފަހަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަށާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި 15 ކުއްޖަކު ބައިވެރިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. މިއީ އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެކެވެ.

މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ފަށާފައިވާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މި ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށާފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.