English Edition
Dhivehi Edition

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްދިޔަ، މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ ވެފައެވެ. މި މަޝްރޫޢަށް ފަހު ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި މިހާރު އެއްފަހަރާ 14 އެނދުގައި ބަލި މީހުން އެޑްމިްޓްކޮށްގެން ފަރުވާ ދިނުމުގެ ޤާބިލްކަން ހުންނާނެއެވެ.