English Edition
Dhivehi Edition

ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ދޮރުމަތީގައި އެރަށުގެ ރައްޔިތަކު އިހުތިޖާޖު ކުރަން ފަށައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެމީހާވަނީ ކައުންސިލް އިދާރާގެ ދޮރުމަތީ ގޮދަޑިއާއި ބާލީސް އަޅައިގެން އޮށޯވެ އޮވެ ނިދާ ކައިބޮއެ ހަދާފައެވެ. މިއަދު ހެނދުނު 7.30 އިން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖާއި ގުޅިގެން ފުލުހުންވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ.

ހޫނުގަދަ ދުވަހެއްކަމުން ކުޑަވެސް ނަގައިގެން އޮތް މިމީހާ އިޙުތިޖާޖު ކުރަމުންދަނީ އެރަށުން އޭނާއަށް ލިބިފައިވާ ހައުސިން ޔުނިޓް އިންސާފުން ބޭރުން އެހެން މީހަކަށް ދިނުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ކަމަށް ބުނަމުން ދެއެވެ. ނުކުޅެދުންތެރިކަން ހުންނަ 2 ކުދިންނާއެކު 4 ކުދިން ބަލަހައްޓަމުން އަންނަ އެފަރާތަކީ ވިލިނގިލީ ޖަވާހިރުމާގޭ ފާތިމަތު ޙާލިދާއެވެ. ޚާލިދާގެ އާއިލާ ގައި ވަންނާނެ އެއްވެސް ތަނެއް ނެތްކަމަށްބުނެ އޭނާދަނީ މި އިހުތިޖާޖުގައި އަޑު އުފުލަމުންނެވެ.

 

މީގެ ކުރިންވަނީ ވިލިނގިލީގައި އެޅި 52 ހައުސިން ޔުނިޓްގެ ތެރެއިން 50 ޔުނިޓް އޭގެ ޙައްގުވެރިންނާއި ޙަވާލުކުރެވިފައެވެ. ޚާލިދާއަށް ލިބުނީ މީގެތެރެއިން މައްސަލައެއް ދިމާވެގެން ދޫނުކޮށްއޮތް 2 ހައުސިން ޔުނިޓްގެ ތެރެއިން ޔުނިޓެކެވެ. މިދެޔުނިޓްގެ ކޯޓު މަރުޙަލާވެސް މިހާރު ނިމިފައިވާއިރު މައްސަލަ ނިމުނުގޮތް އަދި ސާފުވާގޮތެއް ނުވެއެވެ. މި ޔުނިޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޚާލިދާއަކީވެސް މަތިން މާކްސް ލިބިގެން ޔުނިޓުލިބޭމީހުންގެ ލިސްޓުގައިވާ ފަރާތެކެވެ.

މި ހައުސިންގ ޔުނިޓް ތަކަކީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމްގެ ދަށުން އެރަށުގައި އިމާރާތް ކުރި 52 ހައުސިންގ ޔުނިޓްއެވެ. މިއީ ޗައިނާ ނެޝަނަލް މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ދެވަނަ ފިޔަވަހީގެ ދަށުން2011ވަނަ އަހަރު ހަދަންފެށި ހައުސިންގ ޔުނިޓުތަކެކެވެ.މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާފައިވަނީ 2017 ވަނަ އަހަރުއެވެ.