English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާ، ސުލްހަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއި، އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މުސްތަގްބަލެއް ބިނާކުރުން ހިމެނޭހެން، ހިއްސާ ކުރެވޭ އުންމީދުތައް ހާސިލްކުރުމުގައި، އަދުގެ ސަރުކާރުން ސްރީލަންކާއާ ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަކުރާރުކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ބޮޑު ގުޅުމެއްކަމުގައި ވިދާޅުވިއެވެ. 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީހާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ބަހައްޓާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމި ހުންނާނެ އަސަރުތަކެއް ކަމުގައިވެސް ރައީސް ސިފަކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް، ދޭދޭ އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާދިއުމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހަމަ މިއާއެކު، އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާތައް ހިމެނޭހެން، ދެގައުމުގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދީ، ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ އެއް އަމާޒެއްގައި މަސައްކަތްކުރެއްވުމުގެ ރޫޙު، ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރެއްވިއެވެ. އަދި 2 ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތްކުރައްވައި، އެއީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއްކަމުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި ވިދާޅުވެ، ސްރީލަންކާއާ ގުޅިގެން އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށާއި، ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.