ނ. ވެލިދޫ ދާއިރާގެ ތަރައްގީއަށް އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފޮއްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފޮއްދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއު ތަކުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށެވެ. ނަމަވެސް ދާއިރާގެ މަޖިލިސް މެމްބަރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތެއް، ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުރަސްއެޅުއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރައްވަން ޖެހޭނީ އެއަށް ވުރެ ޒިންމާދާރުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދާއިރާތަކުގެ ތަރައްގީއަށް ކަންކަން ކުރުމުގައި އެމްޑީޕީގެ ފަރާތުންވެސް މިހާތަނަށް އެއްވެސް ހުރަހެއް ކުރިމަތިވެފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން އައްބާސް ވަނީ ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާކަން ހާމަކުރައްވާ ރައީސް އަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށްވެސް އެދިފައެވެ.