English Edition
Dhivehi Edition

2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދައެއް ނެގުމަށްފަހުގައި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ މި ބަދަލު އައިސްފައިވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދު އިޞްލާހުކޮށް، އެއަށް ޢަމަލުކުރަން ފަށާފައިވާތީކަމަށެވެ.

އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ވުޒާރާއިން ދެމުން އައި ހުއްދައެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ފާއިތުވި 5 އަހަރު ވަނީ މި ހުއްދަ ދިނުން ހުއްޓާލާފައެވެ. އަލުން މި މަސައްކަތް ފަށާފައިވާއިރު، ރާއްޖެ އެތެރެކުރެވޭ 2 ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ބާއްވާނެ ޖާގައެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކު މިކަން ކުރިއަށްދާނެކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

“މީގެ ކުރިން ހުއްދަ ދޭއިރު އެތަނަކީ ވެހިކަލް ބޭއްވޭނެ ތަނެއްތޯ ނުބެލުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލާއެކު އުޅަނދު އެތެރެކުރުމަށް ހުއްދަ ދޭއިރު، އެ އުޅަނދެއް ބޭއްވުމަށް ހަމަޖައްސާ ތަނަކީ އެ އުޅަނދެއް ބޭއްވުމަށް އެކަށޭނެ ތަނެއްކަން ބެލުމަށް މި ވުޒާރާއިން ދާނެ.. ހުއްދަ ދެވޭނީ މިކަންކަން ބެލުމަށްފަހުގައި ކަނޑައެޅިފައިވާ މިންގަނޑު ފުރިހަމަވާނަމަ” އެ ވުޒާރާއިން ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ. މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުމެވެ.

2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް އެ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ވެސް ލިބެންހުންނާނެއެވެ.