English Edition
Dhivehi Edition

އެއްގަމު އުޅަނދުގެ ނަމްބަރު ބޯޑު ނުބައިކޮށް ހުރެގެން އަދި އެއްވެސް މީހަކު ޖުރިމަނާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ މިހާތަނަށް ނަމްބަރު ބޯޑު ނުބައިވެގެން އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓްއިން ބޯޑުތައް ރަނގަޅުކުރަން އެންގި ދުވަހުން ފެށިގެން މާލެ ސަރަަހައްދުން 1410 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭރު ބޯޑުތައް އިސްލާހުކުރަން ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެގޮތުން 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ނަމްބަރު ބޯޑު ނުބައި ނަމަ ނަސޭހަތް ދޭނެ ކަމަށާއި އޭގެ ފަހުން 1 ވަނަ ދުވަހުން ފެށިގެން ޖުރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީގެ އެންގުމާއި ގުޅިގެން ފުލުހުން ބުނެފައިވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައިވާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ނަންބަރު ހަރުކުރުމަށްފަހުއެވެ. އެގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ “އޭރިއަލް ބޯލްޑް” ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެގޮތްވެސް ކުރެހުމާއެކު މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާކަމެކެވެ. ހަމައެހެންމެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

މި ޤަވާއިދުގެ ދަށުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ.

މި ނޫން އެހެން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. މިއާ ޚިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.