English Edition
Dhivehi Edition
އައްޑޫގެ މަގެއް

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ބޭނުން ޒޯނަކަށް ރަޖިސްޓްރީކުރުމުގެ ހުއްދަ ކައުންސިލްތަކަށް އޮތްއޮތުން ހުއްޓާލައި ކައުންސިލް ހިމެނޭ ޒޯނަކަށް އެކަނި ރަޖިސްޓްރީ ވާގޮތަށް ގަވާޢިދު ބަދަލުކޮށްފިއެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން މިގަވާޢިދަށް ޢަމަލުކުރަން ފަށާފައިވެއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ކައުންސިލްތަކަށް އުޅަނދު މިހާރު ރަޖިސްޓްރީ ކޮށްދެވޭނީ އެ ކައުންސިލެއް ހިމެނޭ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ އަތޮޅެއް ހިމެނޭ ޒޯނަކަށް އެކަނި ކަމަށެވެ. އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެވޭނެ ޒޯންތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޒޯން އޭ، ޒޯން ބީ، އަދި ޒޯން ސީ އަށް ރާއްޖޭގެ ރަށްތައް ބަހާލެވިފައިވެއެވެ.

“ޒޯން އޭ”ގައި ހިމެނެނީ މާލެ، ވިލިނގިލި، ހުޅުލެ އަދި ހުޅުމާލެއެވެ. “ޒޯން ބީ”ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. އަދި “ޒޯން ސީ”ގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.

އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުން އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ފިޔަވާ އެހެން ޒޯނެއްގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ އެވުޒާރާއިން އިޚްތިޔާރު ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށްފަހުއެވެ. ހުއްދަ ނުހޯދައި ރަޖިސްޓްރީކޮށްފައިނުވާ ޒޯނެއްގައި ދުއްވުމަކީ މިގަވާއިދުގެ ދަށުން މަނާ ކަމެކެވެ.