މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީޢެސް) އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެމްސީއެސްގެ ފަރާތުން މި ފަހުމުނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފަވާއިރު، ސޮނެވާ ނަމޫނާއިން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ އަޒްހޫރާ އަހްމަދުއެވެ. މި ފަހުމްނާމާގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
ހޯމް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ މަގްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތައާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުން ކަމަށެވެ.. އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައެވެ.
މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ގާއިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.