English Edition
Dhivehi Edition
ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުތަކުގައި ތިބި ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ބައްދަލުކުރައްވާ ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހޯމް މިނިސްޓްރީން ބުނީ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޖަލުގައި ތިބޭ ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލަތުދަށް ޢާއިލާތަކަށް ޒަކާތު ހައުސް އިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެންހުރި އެހީތެރިކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސް އާއި ގުޅިގެން ޒަކާތު ހައުސްއިން ފޯރިކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.