އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ފަން ރަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އެންމެ އުފާވެރި 5 ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ.
ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް ލިބިގެންދިޔައެވެ.
ފަޚުރުވެރިކަމާ އެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ “ދޮން ދީނީ” ވަނީ މި މެޑަލްގައި ހިމެނިފައެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މި ޙަރަކާތް ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރަށާއި، ހުރިހާ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ އެބޭފުޅުންގެ ހިތްވަރާއި އެއްބާރުލެއްވުމުގެ ސަބަބުން، މިކަމުގައި ޝާމިލުވާ އެންމެންނަށް ޙަޤީޤަތުގައިވެސް އުފާވެރި ތަޖުރިބާއެއް އުފެއްދުމަށް މަގުފަހިވެފަގެން ދިޔަ ކަމަށެވެ.
.އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބާރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.