ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ނިންމާ އަންނަ ޖުލައި މަހު، ފްލެޓްތައް ލިބުން ފަރާތްތަކާ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލެޓުތައް އަޅާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އެ ޒިޔާރަތުގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައިވެރިވެވަޑައިގަތެވެ.
މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މި 4000 ފްލެޓްގެ ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަދާ މި ޓަވަރުތަކުގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭ.ޕީ.އައި.އެލްއާ ހަވާލުކޮށްގެންނެވެ. މި ޓަވަރުތަކަށް ދީފައިވަނީ “އަމާން އުދަރެސް” މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން، އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ދީފައިވަނީ “އަމާން ދޯދި” މި ނަމެވެ.
އެގޮތުން ކޭ.ޕީ.އައި.އެލްއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 16 ޓަވަރުގެ މަޝްރޫޢަށް 137 މިލިޔަން ޑޮލަރު އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 16 ޓަވަރުގެ މަޝްރޫޢަށް 130 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ތެރެއިން ސަރުކާރުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ދައްކާ ނިންމާފައެވެ.
މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދިވެހި ސަރުކާރުގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫޢެކެވެ.