ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެންެގެވުމަކަށް އޮކްޓޯބަރު 2023އިން ފެށިގެން ފުލުހުން އަންނަނީ އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކާއި ގުޅިގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން ވަނީ އެދިފައެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ފުލުހުން އޭރު ފެށި ތަހުގީގުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ދޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ ބައްސާމް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ.