English Edition
Dhivehi Edition
ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަތުމަށް އެއާޕޯޓުގައި - ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލަވި އަލް ސައުދު އެއާޕޯޓަށް ވަޑައިގެންނެވި ކަމަށެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މެއިމަހުގެ 31 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަޒީރުން ޙައްޖަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދައުވަތެއްގައެވެ. އެހެންކަމުން މިދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢުދީ ސަރުކާރުންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި، ސައުދީ ސަރުކާރުގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ވެސް ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢުދި ޢަރަބިއްޔާއަށް ކުރެއްވި މިދަތުފުޅުގައިވަނީ ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވައި ޙައްޖާޖީންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި ޙައްޖާޖީންނަށް ހުރި ދަތިތައް އޮޅުންފިލުވައި ކަނބޮޑުވުންތަކުގެ އަޑުވަނީ އައްސަވާފައެވެ.

މިއަހަރު ރާއްޖެއިން ދިޔަ 1،000 ޙައްޖާޖީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ.

ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހެވެ.