ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއަން ޔޫތު އޯޕަން 2025 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް (އެލީ) ތިން ރަން މެޑަލް ހޯދައިފިއެވެ.
މިއީ ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ ޖޫނިއާ މުބާރާތެއްގެ ތިން ކެޓަގަރީއަކުން ދިވެހި އެތުލީޓަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިިދިޔަ އަހަރުވެސް ލައިބާ މި މުބާރާތުގައި ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ.
އަރްމީނިއާގެ ޔެރޭވަންގައި ހުކުރު ދުވަހު ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން، އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓުން ވެސް ލައިބާ ވަނީ މޮޅުވެފައެވެ.
މި މުބާރާތުގެ ސިންގަލްސްގައި ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް ލައިބާ ރަންމެޑަލް ހޯދީ 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ. މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ. ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ
ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގައި ވެސް ބެޑްމިންޓަންގެ ހިންގާ އިދާރާއެވެ. މިއީ ޔޫރަޕް ކަލަންޑަރުގައި އެމީހުން ހުއްދަ ދީފައިވާ ބެޑްމިންޓަން މުބާރާތެއް ކަމަށްވާއިރު މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިންނެވެ.
މިއީ އިންޓަނޭޝަނަލް ސްޓޭޖުގައި ލައިބާ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.
މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.