English Edition
Dhivehi Edition

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިފެެހެއްޓުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކާ ގާތްގުޅުން އުފެދި، އެ ޤައުމުތަކުން އެކަން ބަލައިގަންނަމުންދާ ކަމަށާއި ޤައުމުތަކާ ގާތް ގުޅުމެއް އުފެދެނީ ޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ހާމަވަގެންދާތީ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ދާއިރާގެ ކާމިޔާބީތައް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ކުރިން އޮތް ގުޅުމަށް ވުރެ މާ ވަރުގަދަ ގުޅުންތަކެއް މިހާރު އުފެދެމުން އަންނަ ކަމަށެވެ. އަދި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވެސް އެންމެ މަތީ އެއް ފެންވަރަށް މިހާރު ޖައްސާފައިވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

“ސަރުކާރުން ހަމަހަމަކަމާއެކު ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސަބަބުން އެކި ޤައުމުތަކާއެކު ކުރިއަށްވުރެ ގާތް ގުޅުމެއް ވަނީ އުފެދިފައި” ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަސްދަރުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކަންދޭންޖެހޭނީ ދިވެހި ޤައުމާއި ރައްޔިތުންނަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންގެވެސް މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު ފަލަކޮށް ދަމާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ޤައުމުތަކުން އެހީ ހޯދުމުގައި ފެނިގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“މިއަށްވުރެ ވަކިން ބޮޑަށް ހަމަހަމަކަމާ އެކުގައި ޚާރިޖީ ސިޔާސަތު ރާއްޖޭގައި، އެކިއެކި ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ތަންފީޒުވަމުންދާ އެއްވެސް ދައުރެއް މީގެ ކުރިއަކުން ގޮސްފައެއް ނުވާނެ، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކާއި ޖަމްޢިއްޔާތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވި، ރާއްޖެއަށް އޭގެ ފައިދާ ވަމުންދޭ” ވަޒީރު ވިދާޅުވިއެވެ.

ޢަރަބި ދުނިޔެއާ ވެސް ރާއްޖެއާ އޮތީ ވަރަށް ގާތް ގުޅުންތަކެއް ކަމަށާއި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވެއިތު މި ގައުމުތަކަކީ ރާއްޖެއަަށް ޑިވޮލޮޕްމަންޓްގެ ގޮތުން ވަރަށް ގިނަ އެހީތައް ވެދެމުންދާ ގައުމުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފައިސާ ވެސް އަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު ހަމަޖެހުނުކަން ފާހަގަކުރައްވައިފައެވެ.

މިއީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ދެމެހެއްޓުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.