English Edition
Dhivehi Edition
މިއަހަރުގެ ކުޑަކުދިންގެ ދުވަސްފާހަގަ ކުރުމުގެ ޕްރޮގްރާމުތަކުގެ ތެރެއިން: ފޮޓޯ، ރައީސް އޮފީސް

ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހަދަން އެންމެން މަސައްކަތްކުރަން މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައްވަވައިފިއެވެ.

ހައްޖުގެ އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަތައް ކަމަށާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް އެ ލޮބުވެތި ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ގޮތް ޚުތުބާގައި ވަނީ ފާހަގަކުރައްވަވާފައެވެ.

ޚުތުބާގައި ބުނީ، އިބްރާހިމް އަލައިހިއްސަލާމް ގެ ދަރިކަލުން ގުރުބާންކުރަން އެންގެވުމުން އިސްމާއީލް އަލައިހިއްސަލާމް ދެއްކެވީ ކިޔަމަންތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އެއީ، ދަރީން މައިންބަފައިންނަށް ކިޔަމަންވާންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށް ޚުތުބާގައި ބުންޏެވެ.

“އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސްނާހާ ވާހަކަ އަޑު އިވެ އެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ،” ޚުތުބާއި ބުންޏެވެ.

މީގެ އިތުރުން ޢީދު ޚުތުބާގައި ވަނީ މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާން އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ. އަދި، ޢީދުން އާ ޞަފުޙާއެއް ހުޅުވާލައި، މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޢީދު ޚުތުބާގައި ބުނީ، ޙައްޖުގެ އަޅުކަމާ ގުޅިގެން މި ޢީދު ޚާއްސަކޮށްފައިވަނީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި ފުރިހަމަ ކުރާތީ ކަމަށެވެ. އެ ގޮތުން، ޙައްޖުވެރިން މިއަދު މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެއެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެއެވެ. އަދި. ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނެއެވެ.