English Edition
Dhivehi Edition
ބްރޯޑްކޮމްގެ މެމްބަރުން: ފޮޓޯ މީޑިއާ ކައުންސިލް.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެރެޓަރީ ޖެރެނަލްގެ މާގަމަށް ކުރިލަތިލާން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ އެސްޖީ ކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނިންމުތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެމަގާމުގައި ހުންނެވި މަރްޔަމް ޒީނިޔާ މަގާމުން ވަކިކުރުމުންނެވެ.

މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެއެވެ..

ބްރޯޑްކޮމްއިން ކުރި އިއުލާނެއްގައި ވަނީ، ހުސްވެފައިވާ އެސްޖީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 23ވާ ހޯމަ ދުވަހުގެ 13:00އަށް ކަމަށެވެ.

އެގޮތުން، އެމަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އެ އިއުލާނުގައި ވެއެވެ. އެ މަގާމަށް އައްޔަންކުރާއިރު މަސައްކަތާ ގުޅޭ ދާއިރާއަކުން ހޯދާފައިވާ ތައުލީމާ ތަޖުރިބާއަށް ބަލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މަގާމުގެ މުސާރައިގެ ގޮތުގައި 20،500ރ. އާއި އެލަވަންސްގެ ގޮތުގައި 15،000ރ. ލިބެ އެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި 700ރ. އާއި މަގާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެހެން އެލަވަންސްތައް ވެސް ލިބޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ވެސް މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވެންސްތައް ބްރޯޑްކޮމްގެ އެސްޖީއަށް ލިބޭނެއެވެ.

އިއުލާނުގައި ވަނީ، ކޮންމެ އަހަރަކު އެސްޖީގެ މަސްއޫލިއްޔަތުގެ ފެންވަރު ބެލާނެ ކަމަށެވެ.

ފަސް އަހަރުގެ މުއްދަތަކަށް ބްރޯޑްކޮމް އަށް އެސްޖީއަކު ހޯދަމުން އަންނައިރު، އެ މަގާމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެ ކޮމިޝަނުގެ ގާނޫނާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެތަން ބެލެހެއްޓުމާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކޮމިޝަނުގެ ޖަލްސާތަކުގެ އިދާރީ ކަންތައް ބެލެހެއްޓުމެވެ.

އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.