English Edition
Dhivehi Edition

ޕާކިސްތާނުގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 7 އަހަރުގެ ޒައިނަބު އަމިން މަރުގެ މައްސަލައިގައި އެޤައުމުގެ ސަރުކާރުގެ އިތުރުން ވެސް މާބޮޑު “ސީރިއަސް ކަމެއް ނުދޭ ކަމަށް ލާހޯރުގައި ހުންނަ އެޤައުމުގެ ހައިކޯޓުން ބުނެފިއެވެ.

ކޯޓުން މިގޮތަށް ބުނެފައި މިވަނީ، ޒައިނަބުގެ ގާތިލު ހޯދުމަށް ލާހޯރު ހައިކޯޓުން ފުލުހުންނަށް 24 ގަޑިއިރުގެ އިތުރު މުހުލަތެއް ދީފައިވަނިކޮށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށާއި، ޒައިނަބުގެ ގާތިލް ވަރަށް އަވަހަށް އަތުލައިގަންނާނެ ކަމަށް ޕަންޖާބްގެ އިންސްޕެކްޓަރ ޖެނެރަލް ބުނެފައި ވަނިކޮށެވެ.

އެހެންނަމަވެސް މިހާދިސާ އަށް ހަފްތާއެއް ވެގެން ދާ ކައިރި ވެފައިވާއިރު އަދިވެސް މައްސަލައިގެ ތަޙްޤޤީގަށް މާބޮޑު ކުރިއެރުން ތަކެއް ނުލިބެއެވެ. އެހެން ކަމުން ޕަންޖާބްގެ ސަރުކާރާއި ފުލުހުންގެ މުއައްސަސާ ފެއިލް ވެފައިވާކަން ޤަބޫލު ކުރުމަށް އެ ކޯޓުގެ އިސް ގާޒީ ވަނީ އަންގާފައެވެ.

ލާހޯރުގެ ހައިކޯޓުން ބުނީ މިފަދަ މައްސަލަތައް ލަސްވުމަކީ ކުށްކުރާ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށާއި މައްސަލާގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަން ޖެހޭ ކަމަށެވެ

ލާހޯރުގެ ހައިކޯޓުގައި އެކަމާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމަށް ޕަންޖާބުގެ ފުލުހުންގެ ވެރިޔާ ހާޒިރު ވެފައި ނުވާތީ އެކަމުން ހެކިދެނީ ޕަންޖާބްގެ ސަރުކާރާއި ފުލުހުންގެ މުއައްސަސާ ފެއިލް ވެފައިވާކަން ކަމަށާއި އަދި މި ތަހުޤީޤު ބާރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ނަތީޖާއެއްވެސް މިހާތަނަށް ފެންނަމުން ނުދާކަން އިސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

ހައިކޯޓުން މިހެން ބުނެފައިވާ އިރު މިދަނޑިވަޅަކީ ޕަންޖާބު ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނަގމުން ދާއިރު ފުލުހުންގެ ސަމާލުކަމަށް މިކަން ކަން ގެންނަމުން ދާއިރު އެއިން އެއްވެސް މައްސަލައެއްގައި އިންސާފު ލިބިފައިނުވުމާއި ޙައްލެއްވެސް މިކަންކަމަށް ނައުމެވެ.

ޒައިނަބު މަރާލި މީހާގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ޕަންޖާބުގެ ކެބިނެޓުންވެސް ވަނީ 10 މިލިއަން ރުޕީސްގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ.

މިމައްސަލަ އާއި ގުޅިގެން ވާހަކަ ދައްކަމުން ޒައިނަބުގެ ބައްޕަ އަމީން ބުނީ ޒައިނަބުގެ މަރުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ފުލުހުން ކުރިއަށް ނުގެންދާ ކަމަށާއި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވެސް ނުވާ ކަމަށެވެ.

ޒައިނަބުގެ މަރަށްފަހު ޢާންމުވި ސީސީޓީވީ ފުޓޭޖްތަކުންނާއި އެއްކުރި މަޢުލޫމާތުތަކުގެ އަލީގައި ފުލުހުން ވަނީ ޒައިނަބުގެ ގާތިލުގެ ސިފަ ހާމަވާ ކުރެހުމެއް ޢާންމުކޮށް އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. މިހާތަނަށް އޭނާ އަތުލައިގަނެވިފައި ނުވާއިރު، އެއީ ކާކުކަންވެސް ދެނެގަނެވިފައެއް ނުވެއެވެ.

އުމުރުން އެންމެ 7 އަހަރުގެ ޒައިނަބު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ފަސް ދުވަސް ފަހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ޒައިނަބު ގެއްލުނީ ގުރުއާން ކިޔަވަން ދިޔަ މަގުމަތީ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭރު އޭނާ ދިރިއުޅެމުންދިޔައީ ބޮޑުދައިތައެއްގެ ގޭގަ އެވެ. އޭރު މައިންބަފައިންވީ އުމްރާގެ އަޅުކަމަށް މައްކާއަށް ގޮހެވެ.

ޒައިނަބު ފެނުނުނީ އޭނާގެ ގެއާ ދެ ކިލޯ މީޓަރު ދުރުން ކަސޫރުގެ މައި ކުނިގޮނޑަށް އެއްލާލާފައި އޮއްވަ އެވެ. ޒައިނަބު މަރާލާފައި ވަނީ ރޭޕްކޮށް އަނިޔާކުރުމަށް ފަހު ކަމަށް އޮޓޮޕްސީ ރިޕޯޓު ބުނެ އެވެ.