ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވެގެންދާނޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދިވެހި ކޮންމެ އާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެެވެ. އަދި، އިސްލާމްދީނުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ، ގައުމުގެ ތަރައްގީއާއި އާއިލާތަކުގެ ގުޅުމުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓްގައި އަލިއަޅުއްވާލައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ދިވެހި ކޮންމެ އާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށްވެސް އެދިވަަޑައިގަންނަވާފައިވެއެވެ.
ދިވެހިރާއްޖެއަކީ ގައުމުގެ އިޖްތިމާއީ ތަރައްޤީގައި ޢާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ޤަބޫލުކުރާ ގައުމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި އާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މީގެ ތެރޭގައި އާސަންދަ ސިއްހީ ހިދުމަތުގެ ނިޒާމް ތައާރަފްކުރުމާއި، ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާރވިސްގެ ހިދުމަތް ފުޅާކުރުމާއި، އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ، މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަހަށް އިތުރުކުރުން ފަދަ ކަންކަމަކީ، މުޖުތަމައުގެ އެންމެ އަސާސީ ބިންގާ ކަމުގައިވާ އާއިލާތައް ހަރުދަނާކޮށް، ޢާއިލާތަކުގެ ތެރެއިން މުޖުތަމައަށް ނިކުންނަ ކުދިންނަކީ ދުޅަހެއު، ތައުލީމީ ގޮތުން ކުރިއަރާފައިވާ، އުފެއްދުންތެރި ރައްޔިތެއްކަން ކަށަވަރުކުރުމާއެކު އާއިލާތައް ބާރުވެރިކުރުމަށް ގާއިމްކުރެވިފައިވާ މުހިންމު ސިޔާސަތުތަކެކެވެ. މީގެ އިތުރުން، މިދައުރުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގަން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.