ސަރުކާރުގެ ޓެކްސީ ލައިން ފެށުމާ އެކު އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ހިދުމަތް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް އުފައްދަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމުގެ ޝަކުވާއާއި ގުޅިގެން ކަމަށެވެ. މާލެ ސަރަހައްދުގައި އުޅޭ އާންމުންނަށް ބޭނުންވާ ގަޑިތަކުގައި ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށް އަމީން ވިދާޅުވިއެވެ.
ޓެކްސީގެ ގަވާއިދު މިހާރު އޮންނަ ގޮތުން، އަދި އެތައް އަހަރެއްވެގެން ދިޔައިރު ވެސް ޓެކްސީ ކުރަމުން ގެންދަނީ ޓެކްސީ ކުރާ ފަރާތްތަކުން ބޭނުންވާ ގަޑިއެއްގައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުގައި މީގެ 20ކަށް އަަހަރު ކުރިން ވެސް ޓެކްސީކުރުމާ ބެހޭ ގަވާއިދެއް އޮތް ނަމަވެސް މިހާތަނަށް އެ ޚިދުމަތް ދެނީ އެ އެ ގަވައިދާއި އެއްގޮތަށް ނޫންކަމަށް އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ފަށައި، ޚިދުމަތް ދޭއިރު އާންމުންނަށް ޓެކްސީ އެންމެ ބޮޑަށް ބޭނުންވާނެ ގަޑިތަކަށް އިސްކަން ދޭނެ ކަމަށެވެ. ހާއްސަކޮށް ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން ޓެކްސީ ލައިން ފެށުމުން އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.