English Edition
Dhivehi Edition
ސައުދީ އަރަބިއްޔާގެ ޕްރިންސް ފަހަދް، ރައީސްގެ އަރިހަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ޕްރިންސް ފަހަދް ސައުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދެ ބޭފުޅުންނާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ ވަކި ވަކިންނެވެ. ފަހަދް އާއި ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓާ (އެމްއައިއެފްސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދެމެދު ވެވުނު އެމްއައިއެފްސީ އުފެއްދުމުގެ ޖޮއިންޓް ވެންޗާ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފަހަދް ވަނީ ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސައުދީ އަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.

މި އިހްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.