English Edition
Dhivehi Edition
ރައީސް، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ބައްލަވާލެއްވުން ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުގައި އެކުލަވާލީ އަސްކަރީ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް މިހާރު ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަސްކަރީ އެއްބަސްވުންތައް ހާމަކުުރުމަކީ ވެވަޑައިގެންފައިވާ ވައުދެއްކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަމެއް ކުރިން އެއްބަސްވެވިފައިވާނަމަ މިހާރު އެކަމެއް ނޯންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އިގަނޑު ގޮތެއްގައި ފާހަގަކުރޭ އެއް އެއްބަސްވުމަކީ ހައިޑްރޮގްރަފީ އެއްބަސްވުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މި ސަރުކާރުން އައުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކުގައި ކޮންމެ ގައުމަކަށްވެސް އެހީވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ހައިޑްރޮގްރަފީ މަސައްކަތްތަކުގައިވެސް އެއްބާރުލުން ދިނުމުގެ ފުރުސަތު އޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ބަޔަކު އައިސް ރާއްޖޭގައި ސްޓޭޝަންވެގެން އެކަން ކުރުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތާއި ފުށުއަރާ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއަށް ވަސީލަތްތަކުގެ ގޮތުންނާއި ތަމްރީނުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭން ގައުމަކުން އެދޭނަމަ އެކަމަށް މި ސަރުކާރުން މަރުހަބާ ކިޔާނެކަމަށެވެ. އެހެންނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން އައިސް ރާއްޖޭގައި ސްޓޭޝަންވެގެން ތިބުމަށް ފުރުސަތު ނުދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއާލިޓީ މާއްދާތަކެއް އޮތުމުން އެ ގައުމުތަކުގެ ރުހުމާއި ނުލާ ހާމަކުރެވެން ނެތްކަމަށެވެ.