English Edition
Dhivehi Edition

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް މީހަކު، ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން އޭނާ ދޫކޮށްލަން އެ އޮފީހުން އިރުޝާދު ދީފިއެވެ.

ރައުދު ދޫކޮށްލާފައިވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައިވަނިކޮށެވެ.

މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދިން ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ އިރުޝާދާއެއްގޮތަށް ރައުދު ބަންދުން ދޫކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ މަހުގެ 24ގައި ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ އޭނާ އަނެއްކާވެސް ހައްޔަރުކުރިއެވެ.

މިހާދިސާގައި ވެއްޓުނު ޔުމްނުއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ.