English Edition
Dhivehi Edition

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިން މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައި ހުއްޓެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ

  • މިދުހަތު އާދަމް – ރ. އަލިފުށީ، ރިވެލި
  • މުހައްމަދު ޖަޒްލާން – ލ. ގަމު ތުނޑީ އަވަށު، ޖަވާހިރުވިލާ
  • ޒަޔާން ނަސީރު – އދ. މާމިގިލީ، ކެމީހިޔާ
  • އަބްދުލްހަންނާން – ތ. ދިޔަމިގިލީ، ރުވާ
  • ރަޖުވާން ލަތީފު – ލ. މާމެންދޫ، މުރިނގު
  • އަހުމަދު މައިސާން ހާޝިމް – ދަފްތަރު ނަމްބަރު 2247

އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. މި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކަނޑައެޅާފައިވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީއެވެ.

މި މައްސަލައިގެ ހުކުމުގައިވަނި އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް ހުކުމުގައިވަނީ ބުނެފައެވެ.

އިތުރަށް މި ހުކުމުގައި ބުނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.