English Edition
Dhivehi Edition
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އދ. ގެ ފަތުރުވެރިކަމާ ބެހޭ ސަރަޙައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑޮނޭޝިއާގެ ވެރިރަށް ޖަކާރޓާއަށް ވަޑައިގެން ހުންނެވި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް، އިންޑޮނޭޝިއާގެ ފަތުރުވެރިކަމުގެ ވަޒީރު މިސް ވިދިޔަންތީ ޕުތްރީ ވަރުދާނާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި، މި ދާއިރާގައި ދެ ޤައުމުގެ ތަޖުރިބާ ހިއްސާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، މި ބައްދަލުވުމަކީ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ދެ ޤައުމަށްވެސް ގިނަ ކަންތައްތަކެއް އެއްބަޔަކު އަނެއްބަޔަކުގެ ކިބައިން ދަސްކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އދ. ގެ ފަތުރުވެރިކަމާ ބެހޭ ސަރަޙައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޑރ. އަބްދުﷲ ނިޔާޒް، މި ދަތުރުފުޅުގައި އެހެން ޤައުމުތަކުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.