English Edition
Dhivehi Edition
ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު)ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ “400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް” އަކީ އުންމީދާއި ތަރައްގީގެ ނަމޫނާއެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

“400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް” އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޤައުމީ ތަރައްޤީގެ ޕްލޭނުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމަނޭކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢުތަކުގެ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް އަދި ރޭވުންތެރިކަމާއެކު ރައްޔިތުން ގެދޮރުވެރިކުރުވުމަށް މި ސަރުކާރުން އަމާޒުހިފާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިންގ ޔުނިޓު އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްގީވަމުން އަންނަ ޤައުމުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ. މި ފަންޑުގެ މަގްސަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ސިއްހަތާއި، ތައުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.