English Edition
Dhivehi Edition

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދިވެހި ގޭބިސީތަކަށް ގައުމީ ފެންވަރުގައި އިނާމެއް ދިނުމަށް ހެލްތު މިނިސްޓްރީން ނިންމާއިފި އެވެ.

މިއަދު ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިނާމަކީ ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށް ބާރު އަޅުމުގެ ގޮތުން ދިނުމަށް ހަމަޖެއްސި އިނާމެއްކަމުގައެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދީ އަދި ދިރިއުޅޭ މާހައުލަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ދުމުން ރައްކާތެރި މާހައުލަކަށް ހެދުމުގެ މަގްސަދުގައި ދޭ އިނާމެއް ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް ދޭ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާ އާންމު ކުރެވޭ އުސޫލާ އެއްގޮތަށް ކަމަށް ހެލްތު މިނިސްޓްރީންވަނީ ބުނެފައެވެ. މި ގޮތުން ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އެ އިނާމަށް ކުރިމަތިލާ ގޭބިސީ އަކީ ދިވެހި ގޭބިސީއެއް ކަމުގައިވާން ޖެހެ އެވެ. އަދި އެ ގޭބިސީއެއްގައި ދިރިއުޅޭ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ދުވަސް ވާން ޖެހޭ ބައަކަށްވާއިރު އެ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބީސީއެއްކަން ކުރާ ސާވޭއިން ކަނޑައަޅާފައިވާން ޖެހެ އެވެ.

އަހަރަކު އެއްފަހަރު ދިނުމަށް ހަމަޖެހިފައިވާ މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، އެކަމަށްޓަކައި ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމިޓީ އަކުންނެވެ. މި އިނާމަށް ކުރިމަތިލެވޭނީ، އިނާމަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާން ގައި ވަނީ ބުނެފައެވެ.

އިއުލާނުގައިވާގޮތުން މި އިނާމު އެ ގޭބިސީއަކަށް ދިނުމަށްފަހު، އެ ގޭބިސީއެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެ އެވެ.