English Edition
Dhivehi Edition
އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު/ފޮޓޯ އައްޑޫސިޓީ ކައުންސިލް

ގަން އެއަޕޯޓް ޑިވެލޮޕްމަންޓްގައި ހިމެނޭ މަގުތައް ހެދުމަށް ހުރަހަކަށް ވެފައިވާ އީކުއޭޓާ ވިލެޖްގެ އެކޮމަޑޭޝަން ބްލޮކްގެ މައްސަލައާއި ގުޅިގެން އީކުއޭޓާ ވިލެޖްގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އެދެފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖުގެ އެކޮމަޑޭޝަން ބްލޮކް ވަންނާތީ، އެ ބިން ހުސްނުކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އީކުއޭޓާ ވިލެޖު ހިންގަމުން އަންނަ ކައިމޫ އާއި އީކުއޭޓާ ވިލެޖުގެ މެނޭޖްމެންޓަށް ފާޑުކިޔަވަމުންނެވެ.

މި މައްސަލަ ހައްލެއް ހޯދުމަށް މޭޔަރު ނިޒާރު އާއި ޑެޕިއުޓީ މޭޔަރު ޝުއާއުގެ އިތުރުން ކައުންސިލް މެންބަރު އަހްމަދު ސައީދު ވަނީ އިއްޔެ އީކުއޭޓާ ވިލެޖުގެ އިސް ފަރާތްތަކާއެކު، މިކަމަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމަށް ފަހު ނިޒާރު ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އީކުއޭޓާ ވިލެޖުން މިކަމަށް ދާއިމީ އަވަސް ހައްލެއް ހޯއްދައިދޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ. މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އީކުއޭޓާ ވިލެޖްގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އިތުރަށް ނިޒާރު ވިދާޅުވީ އައްޑޫގައި އިންވެސްޓްކުރުމަށް ވިޔަފާރިތަށް ހޯދުމަށް ދަތިކަން ހުރިއިރު ކުރެވިފައިވާ ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެހެން އަމަލުތަށް ބެހެއްޓުމަކީ އައްޑޫގެ އިގްތިސާދަށް އިޔާދަނުކެރެވޭނެ ގެއްލުން ވެދާނެ ކަމެއްކަމަށެވެ.